ކާވާ ޗެމްޕިއަންސް ލީގު – ބިޝްކެކް އަތުންވެސް ލަންކާ ޕޯޓްސް އަށް ނާކާމިޔާބީ!
ޔޫޝައު ހަސަން | 19 ޖުލައި 2025

މި މަހުގެ 17 އިން 23 ގެ ނިޔަލަށް މާލޭގައި ކުރިއަށް ދާ ކާވާ މެންސް ޗެމްޕިއަންސް ލީގުގެ 4 ވަނަ މެޗްގައި ކިރިގިސްތާނުގެ ބިޝްކެކް އަތުންވެސް ލަންކާ ޕޯޓްސްއަށް ނާކާމިޔބީއާއި ކުރިމަތިލާން ޖެހިއްޖެއެެވެ.

މުބާރާތުގައި ދެ ޓީމުވެސް ކުޅުނު ދެވަނަ މެޗަށް އިއްޔެ މެންދުރު ނިކުތް އިރު ފުރަތަމަ މެޗްގައި ބިޝްކެކް ވަނީ ރާއްޖޭގެ އެޗްޑީސީ ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. އަދި ލަންކާ ޕޯޓްސް ވަނީ ކަޒަކިސްތާނުގެ ޒައިކް އަތުން ތިން ސެޓް އެއް ސެޓުން ބަލިވެފައެވެ.

ލީގު އުސޫލުން ކުރިއަށް ދާ މި މުބާރާތުގައި މި ދެޓީމު ބައްދަލުކުރި މެޗް ގެ ފުރަތަމަ ދެ ސެޓް ބިޝްކެކް އިން ކާމިޔާބު ކުރީ 25 – 22 އަދި 25 – 20 އިންނެވެ. އެހެން ނަމަވެސް ތިން ވަނަ ސެޓްގައި ހިތްވަރުކޮށް ލަންކާ ޕޯޓްސްއިން ކުޅުން ވާދަވެރިކޮށް އެ ސެޓް 25 – 23 އިން ކާމިޔާބު ކުރި ނަމަވެސް ޖެހިގެން އައި ހަތަރު ވަނަ ސެޓް 25 – 20 ގެ ނަތީޖާއަކުން އިތުބާރާއެކު ކާމިޔާބުކޮށް ބިޝްކެކް އިން މެޗް ކާމިޔާބުކޮށްފައެވެ. މި މޮޅާއެކު އެ ޓީމުން ވަނީ ކުޅުނު ދެމެޗުން ޖުމުލަ 6 ޕޮއިންޓް ހޯދައިފައެވެ.

ބިޝްކެކް އަދި ލަންކާ ޕޯޓްސް ބައްދަލުކުރި މެޗްގެ ތެރެއިން – ފޮޓޯ/ ކާވާ

މި މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަދި ރަނަރަޕްގެ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސްރީލަންކާ ޕޯޓްސް އޮތޯރެޓީ، ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު، ކިރްގިސްތާނުގެ ބިޝްކެކް އަދި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބްއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް އޭވީސީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިގެންދާނެއެވެ. އަދި އެ މުބާރާތުގެ އެއްވަނަ ޓީމަށް ވޮލީގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕުން ޖާގައެއް ކަށަވަރުވެގެންދާނެއެވެ. އެހެންކަމުން މި މުބާރާތް ވެގެންދާނީ އެފްއައިވީބީގެ ބޮޑެތި މުބާރާތްތަކުގައި ވާދަކުރުމަށް ދިވެހި ޓީމުތަކަށް ހުޅުވިގެންދާ ފަހި ފުރުސަތަކަށް ކަމުގައި ވީއޭއެމްގެ ރައީސް އަދި ކާވާގެ ރައީސް ލަތީފް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް