ކާވާ ޗެމްޕިއަންސް ލީގު – ހެލްޕް ނޭޕާލް އަތުން ބަލިވި ނަމަވެސް ސިފައިންނަށް ޕޮއިންޓެއް!
ޔޫޝައު ހަސަން | 19 ޖުލައި 2025

މި މަހުގެ 17 އިން 23 ގެ ނިޔަލަށް މާލޭގައި ކުރިއަށް ދާ ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ތިން ވަނަ މެޗްގައި ނޭޕާލްގެ ޗެމްޕިއަން ހެލްޕް ނޭޕާލް 2 ސެޓް ހޯދައިފައި ވަނިކޮށް ފަހަތުން އަރައި ދެ ސެޓް ގެނެސް މެޗް 5 ސެޓަށް ގެންގޮސް ސިފައިން ޕޮއިންޓެއް ހޯދައިފިއެވެ.

ވަރަށް ވާދަވެރި ކުުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ފުރަތަމަ ސެޓްގައި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު މި ސެޓް ސިފައިންނަށް ގެއްލުނީ ހަނި ފުރުސަތަކުންނެވެ.

އެއީ 31 – 33 އިންނެވެ. ޖެހިގެން އައި ސެޓްވެސް ހެލްޕް ނޭޕާލުން ނެގީ 25 – 20 އިންނެވެ. އެހެން ނަމަވެސް އައު ހިތްވަރަކާއެކު ކުޅުން ރަނގަޅުކޮށް ޖެހިގެން އައި ދެ ސެޓް 25 – 22 އަދި 25 – 20 އިން ސިފައިން ނެގި އިރު 5 ވަނަ ސެޓް 15 -08 އިން ކާމިޔާބުކޮށް މި މެޗުން މޮޅުވެފައި ވަނީ ހެލްޕް ނޭޕާލް ޓީމުންނެވެ.

މި މެޗުން ބަލިވި ނަމަވެސް ރާއްޖޭގެ ސިފައިން ޓީމަށް ވަނީ 1 ޕޮއިންޓް ލިބިފައެވެ.

މި މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަދި ރަނަރަޕްގެ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސްރީލަންކާ ޕޯޓްސް އޮތޯރެޓީ، ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު، ކިރްގިސްތާނުގެ ބިޝްކެކް އަދި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބްއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް އޭވީސީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިގެންދާނެއެވެ. އަދި އެ މުބާރާތުގެ އެއްވަނަ ޓީމަށް ވޮލީގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕުން ޖާގައެއް ކަށަވަރުވެގެންދާނެއެވެ. އެހެންކަމުން މި މުބާރާތް ވެގެންދާނީ އެފްއައިވީބީގެ ބޮޑެތި މުބާރާތްތަކުގައި ވާދަކުރުމަށް ދިވެހި ޓީމުތަކަށް ހުޅުވިގެންދާ ފަހި ފުރުސަތަކަށް ކަމުގައި ވީއޭއެމްގެ ރައީސް އަދި ކާވާގެ ރައީސް ލަތީފް ވަނީ ވިދާޅުވެފައެވެ.

 

ގުޅުންހުރި ލިޔުންތައް