މި މަހުގެ 17 އިން 23 ގެ ނިޔަލަށް މާލޭގައި ކުރިއަށް ދާ ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗްގައި ސްރީ ލަންކާގެ ޗެމްޕިއަން ޕޯޓްސް ބަލިކޮށް ކަޒަކިސްތާނުގެ ޗެމްޕިއަން ޒައިކް ސްޕޯޓްސް ކްލަބުން އިތުބާރާއެކު މުބާރާތް ފަށައިފިއެވެ.
މުބާރާތުގެ ފުރަތަމަ މެޗްގައި ޒައިކްއިން ލަންކާ ޕޯޓްސް ބަލިކުރީ އެ ޓީމުން މެޗްގެ ފުރަތަމަ ސެޓް ގެެނެސްފައި ވަނިކޮށް ފަހަތުން އަރައިން ޖެހިގެން އައި ތިން ސެޓް ކާމިޔާބުކޮށްގެންނެވެ.
މި މެޗް ޒައިކް އިން ކާމިޔާބުކުރީ 22 -25، 25-14، 25 -15، އަދި 25-16 ގެ ނަތީޖާއަކުންނެވެ.
ލީގު އުސޫލުން ކުޅޭ މި މުބާރާތުގެ ރޭކް ކުރާނީ ލީގު މެޗުތައް ނިމުމުން ޕޮއިންޓް ތާވަލުގައި ޓީމުތަކުގެ ރޭންކިންގ އަށް ބަލައި މެޗްތައް ކުޅެގެންނެވެ.

ކާވާ ޗެމްޕިއަންސް ލީގުގައި ލަންކާގެ ޕޯޓްސް އަދި ކަޒަކިސްތާނުގެ ޒައިކް ބައްދަލުކުރި މެޗްގެ ތެރެއިން – ފޮޓޯ/ކާވާ
މި މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަދި ރަނަރަޕްގެ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސްރީލަންކާ ޕޯޓްސް އޮތޯރެޓީ، ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު، ކިރްގިސްތާނުގެ ބިޝްކެކް އަދި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބްއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް އޭވީސީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިގެންދާނެއެވެ. އަދި އެ މުބާރާތުގެ އެއްވަނަ ޓީމަށް ވޮލީގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕުން ޖާގައެއް ކަށަވަރުވެގެންދާނެއެވެ. އެހެންކަމުން މި މުބާރާތް ވެގެންދާނީ އެފްއައިވީބީގެ ބޮޑެތި މުބާރާތްތަކުގައި ވާދަކުރުމަށް ދިވެހި ޓީމުތަކަށް ހުޅުވިގެންދާ ފަހި ފުރުސަތަކަށް ކަމުގައި ވީއޭއެމްގެ ރައީސް އަދި ކާވާގެ ރައީސް ލަތީފް ވަނީ ވިދާޅުވެފައެވެ.