ވޮލީބޯޅަ އެކަޑަމީ އޮފް މޯލްޑިވެްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރިޒޯޓުތައް 4 ރޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ރާއްޖެ ރިޒޯޓް ވޮލީބޯޅަ ލީގުގެ މާލެއިން އުތުރު ޒޯނުގެ ދެވަނަ މެޗްގައި ފަރި އައިލެންޑް ރިޒޯޓްގެ މައްޗަށް ކުޑަ ހުރާއިން ފަސޭހަކަމާއެކު ކުރި ހޯދައިފިއެވެ.
އިއްޔެ ހަވީރު ކުރިއަށް ދިޔަ މިމެޗްގައި ކުޑަ ހުރާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު މި މެޗްގެ ސެޓްތައް އެ ޓީމުން ގެނެސްފައި ވަނީ 25 -11، 25-17، 25-16 އިންނެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޑަ ހުރާގެ އަބްދުﷲ ހަސަން އެވެ.

ރާއްޖެ ވޮލީލީގުގައި ކުޑަހުރާ އަދި ފަރި އައިލެންޑް ބައްދަލުކުރި މެޗްގެ ތެރެއިން – ފޮޓޯ/ޑިޖިޓަލް ސްޓޫޑިއޯ
މި މުބާރާތުގެ މެޗެއް މިއަދު ހަވީރުވެސް ކުރިއަށް ދާނެއެވެ. މި މެޗްގައި ބައްދަލުކުރާނީ ވަން އެންޑް އޮންލީ ރީތިރަށް އަދި ޝެރެޓޮން މޯލްޑިވްސްއެވެ.
މި މުބާރާތް 4 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނަކުންވެސް ވަކި އަދަދަކަށް ޓީމުތައް ފައިނަލް ބުރަށް ކޮލިފައިވާ ގޮތަށް ކުރިއަށް ގެންދާއިރު މުބާރަތް ބަހާލެވިފައިވާ ޒޯން ތަކަކީ:
- ދެކުނު މާލެ ލީގު
- އުތުރު މާލެ ލީގު
- ބ. ލީގު
- އއ. ލީގު
މީގެ ތެރެއިން ދެކުނު މާލެ ލީގު އަދި ބ. ލީގުގެ ޗެމްޕިއަން ފައިނަލް ބުރަށް ކޮލިފައިވާއިރު އުތުރު މާލެ ލީގުން އަދި އއ ލީގުން ފައިނަލް ބުރަށް ކޮލިފައިވާނީ ޗެމްޕިއަން އަދި ރަނަރަޕް ޓީމެވެ. މި ޓީމުތަކަށް 2025 ވަނަ އަހަރުގެ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕަށް ކޮލިފައިވާއިރު، އެއީ ނޮކްއައުޓް އުސޫލުން ކުޅެވޭނެ މުބާރާތެކެވެ. އަދި މި ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމަކީ 2025 ވަނަ އަހަރުގެ މޯލްޑިވްސް ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނެވެ. މިއަހަރުގެ ލީގުގައި 4 ޒޯނުން ޖުމުލަ 17 ޓީމެއް ވާދަކުރެއެވެ.